މިނިވަންކަން ރައްކާތެރިވުންއޮތީ عقيد ة ހިފެހެއްޓުމުގައެވެ.
ދިވެހިރާއްޖެއަކީ ކުޑަޤައުމެކެވެ. މީސްކޮޅުމަދު ޤައުމެކެވެ. ޤުދުރަތީ މުއްސަދިކަންވެސް މަދު ޤައުމުކެވެ.މާއްދީ ނަޒަރަކުން ބަލާއިރު ބާރުދެރަ ޤައުމެކެވެ.
ރާއްޖޭގެ ހުރިހާވެސް މުއްސަނދިކަމަކީ، ރާއްޖޭގެ ރައްޔިތުންގެ ޢަޤީދާގެ މުއްސަނދިކަމެވެ. ރާއްޖޭގެ ހުރިހާވެސްބާރަކީ އީމާންކަމުގެ ބާރެވެ. ޢަޤީދާގެ މުއްސަނދިކަމަކީ ކުޑަމުއްސަނދިކަމެއްނޫނެވެ. އީމާންކަމުގެ ބާރަކީވެސެ ކުޑަބާރެއްނޫނެވެ.
މިޙަޤީޤަތަކީ އިސްލާމީ ތާރީޚުގެ ފަތްފުށްތަކުން ވަރަށް ކުލަގަދަގޮތެއްގައި ސާބިތުވެފައިވާ ޙަޤީޤަތެކެވެ. އެންމެފުރަތަމަ އިސްލާމީ ދައުލަތެއް އުފެދުނުއިރު އެދައުލަތުގެ ހިޔާވަހިކަމުގައިތިބި މުވާތިނުންގެ ޢަދަދުވަރަށްވެސް މަދެވެ. ނަމަވެސް ބަދުރުހަގުރާމައިގާ މުޅި ޢަރަބިކަރަ ޙައިރާންކޮށްލި ނަޞްރު ހޯދީ އެބައިމީހުންނެވެ. އެހަނގުރާމައިގާ އެބައިމީހުން ބޭނުންކުރި އެންމެމޮޅުހަތިޔާރަކީ އީމާންކަމުގެ ހަތިޔާރެވެ. މިފަދަ އެތައް ޙާދިސާއެއްގެ ވާހަކަ އިސްލާމީ ތާރީޚްގެ ޞަފްހާތަކުގައި ރަންއަކުރުން ފަވާލެވިފައިވެއެވެ.
އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ އިންޑިޔާކަނޑުގެ ހަލަބޮލި ރާޅުތަކުގެ ތެރޭގައި މާތްﷲ ލައްވާފައިވާ އިސްލާމީ ކިއްލާއެކެވެ. އަމަން އަމާންކަމާއި ސުލްހަމަސަލަސްކަމުގެ ވެސް ކިއްލާއެކެވެ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުންއޮތީ އިސްލާމީ ޢަޤީދާގައި ހިފެހެއްޓުމުގައެވެ. އެންމެން އެކުވެރިވެ އެކަތިގަނޑަކަށްވުމުގައެވެ.
ސިޔާސީގޮތުން ރާއްޖެ އާމަރުޙަލާއަކަށް ބަދަލުވަމުންދާ ދުވަސްވަރެއްގައި އަޅުގަނޑުމެން ދެނެގަންނަންވީ ޙަޤީޤަތަކީ މިއީއެވެ. ރާއްޖެ އިސްލާމް ވުމަށްފަހު ރާއްޖޭގެ މިނިވަންކަމަށް ކުރިމަތިވި ކޮންމެނުރައްކަލެއް ކުރިމަތިވެފައިވަނީ ދިވެހިންގެ ބަޔަކު އިސްލާމީ ޢަޤީދާއަށް ފުރަގަސްދިނުމުގެ ސަބަބުންނެވެ.
ނޯޓް: މިއީ ދީނުގެ މަގުގެ 1991 ވަނައަހަރުގެ 16 ވަނަޢަދަދުގައި އަލްއުސްތާޛް މައުމޫން ޢަބުދުލް ޤައްޔޫމް ލިޔުއްވާފައިވާ ލިޔުމަކުން ނަގާފައިވާ މަޒުމޫނެކެވެ.
No comments:
Post a Comment