ބަރަކާތްތެރި މައްސަރެއްވަކިވެގެންދާހިނދު
( މިއީ ދީނުގެމަގު 19 އެޕްރީލް 1991 ގައި މުޙައްރިރުގެ ޤަލަމުން ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. )
ބަރަކާތްތެރި ރަމަޟާންމަސް އަޅުގަނދުމެންނާ ވަކިވެގެންއެދިޔައީއެވެ. ރޯދަހިފުމާއި، ރޭއަޅުކަން ކުރުމާއި، ރަޙުމަތާއި މަޣުފިރަތުގެމަސް އަޅުގަނދުމެންނަށް އަލްވަދާޢު ކިޔައިފިއެވެ.
ރަމަޟާންމަސް އަޅުގަނދުމެންނާ ވަކިވެގެން އެދިޔައީ، ވަރަށް މަތިވެރި ޢިބްރަތްތަކެއް ލިބިދީފައެވެ. ތަޤުވާވެރިކަމަށް މަގުދައްކައިދީފައެވެ. ހަވާނަފްސުގެ މައްޗަށް ދީނާއި ޟަމީރުގެބާރުގަދަކުރުމުގެމަގު ތަނަވަސް ކޮށްދީފައެވެ. ކެތްތެރިވުމާއި، ރުޅިމަދުކުރުމާއި، ދީލަތިވުމާއި، ހުރިހާކަމެއްގައިވެސް އިހުސާންތެރިވުމަށް އަޅުގަނދިުމެންގެ ނަފްސުތައް ހާނުވައިދީފައެވެ.
މާތް ﷲ ވަހީކުރެއްވިއެވެ. "بَلَى مَنْ أَسْلَمَ وَجْهَهُ لِلَّهِ وَهُوَ مُحْسِنٌ فَلَهُ أَجْرُهُ عِنْدَ رَبِّهِ وَلا خَوْفٌ عَلَيْهِمْ وَلا هُمْ يَحْزَنُونَ 002.112 " މާނައީ: އެހެނަކުންނޫނެވެ.(ހުރިހާކަމެއްގައި ވެސް) އިޙްސާންތެރިވެހުރެ އެމީހެއްގެމޫނު ﷲއަށް ކިޔަމަންކޮށްފިމީހަކަށް، އެމީހާގެވެރި ރަސްކަލާނގެ ޙަޟަރަތްގައި އޭނާގެ ދަރުމަހުއްތެވެ. އަދިއެފަދަ މީހުންގެ މައްޗަކަށް ބިރެެއްނެތެވެ. އަދިއެބައިމީހުންނީ ހިތާމަކުރާނޭ ބަޔަކުކަމުގައިވެސް ނުމެވާނޭމެއެވެ."
މިދެންނެވި ޢިބްރަތްތަކާއި ފިލާވަޅުތަކަކީ، ރަމަޟާންމަސް ދިޔުމުން އަޅުގަނދުމެންގެ ހަނދާނާއި ވިޖުދާނުން ކެހިގެންދާންވީއެއްޗެއްނޫނެވެ.އެޢިބްރަތްތަކާއި ފިލާވަޅުތައްވާންވާނީ، ކުރިޔަށް އޮތް އަހަރުދުވަހުގެ ދިގުރާސްތާގައި އަޅުގަޑުމެންގެ އެންމެގާތް އެކުވެރިންކަމުގައެވެ. އެހެނީ، ﷲއަށް ތަޤުވާވެރިވުމާއި، ހެޔޮޢަމަލްކުރުމާއި، އިހުސާންތެރިވުމަކީ، ވަކިދުވަސްވަރަކަށް ޚާއްޞަ ވެފައިވާކަންކަމެއްނޫނެވެ. މިކަންކަންވާންޖެހޭނީ، ޢުމަރުގެހުރިހާދުވަސްތަކެއްގައިވެސް އަޅުގަނދުމެންނަށް މަގުއަލިކޮށްދޭ ދަންމަރުތަކެއް ކަމުގައެވެ.
No comments:
Post a Comment