Sunday, November 9, 2008

ނަމާދު

ނަމާދުވަގުތުން ވަގުތަށް އަދާކުރުމަށް ސަމާލުކަންދެއްވާށެވެ!




ނަމާދަކީ އިސްލާމްދީނުގެ އެއްރުކުނެވެ. ދީނުގެއެންމެ ހަރުދަނާ އެއްތަނބެވެ. ތިމާކުރާއެެހެނިހެން ހެޔޮކަންތައް ﷲގެ ޙަޟްރަތުގައި ޤަބޫލުކުރެއްވުން ބިނާވެގެންވަނީ، ނަމާދުފުރިހަމަޔަށް އަދާކޮށްގެންކަން ކީރިތިރަސޫލާގެ ޙަދީޘުން ސާބިތުވެއެވެ. ނަމާދުފުރިހަމައަށް އަދާކުރާމީހަކީ، އޭނާގެއަމިއްލަނަފްސަށާއި، މުޖުތަމަޢުއަށް ފައިދާހުރިކަންތައް ކުރާތެދުވެރިއެކެވެ. އޭނާގެފުށުން، އެހެންމީހުންނަކަށް ގެއްލުމެއް ނުލިބޭނެއެެވެ. ކުރާހުރިހާކަމެއްގައި އިޚްލާސްތެރިވާނެއެވެ. ވަފާތެރިވާނެއެވެ. އެހެންމީހުންނަށް އޯގާތެރި ވާނެއެވެ. ﷲނަހީ ކުރައްވާފައިވާ ކަންތަކާދުރުހެލިވާނެއެވެ. އޭނާކުރާކޮންމެކަމެއްގާ ﷲގެ ވަޖުޙަފުޅުފިޔަވާ އެހެންފަރާތެއްޤަސްދެއްނުކުރާނެއެވެ. އެފަދަމީހުންނަށް ދެދުނިޔޭގެ ބާއްޖަވެރިކަންލިބޭނޭ ކަމަށްއަންގަވާ ފައިވެއެވެ.

ނަމަވެސް ނަމާދުއަދާކުރަންވީ ފުރިހަމަގޮތަށް އަދާކުރެވެރީ ކިތައްމީހުންނަށްތޯއެވެ! މިސުވާލަކީ، ކޮއްމެމުސްލިމަކުވެސް އެމީހެއްގެއަމިއްލަ ނަފްސާކުރަން ވެއްޖެސުވާލެކެވެ. އެއީގިނަމީހުންނަކީ ނަމާދުކުރާ މީހުންކަމަށްވެފައި، އޭގެތެރެއިންބައެއްމީހުންގެ ޢަމަލްތައް ހުންނަގޮތުންނެވެ. ތިމާގެ އަޚުންނަށް މަކަރާއިޙީލަތް ހެދުމުންދުރުހެލިއެއްނުވެއެވެ. ޣީބައާއި މަލާމާތުން ދުރުހެލިއެއްނުވެއެވެ. ތިމާގެއަޚުންގެމުދާ ނަހަމަގޮތުގައި ބޭނުންކުރުމަށް ފަހެއްނުޖެހެއެވެ. ތިމާގެމަޤުޞަދު ޙާޞިލްކުރުމަށް ފަސްޖެހޭ ނުބައިކަމެއްނޯވެއެވެ. އެފަދަމީހުންނާމެދު މާތްﷲ ވަޙީކުރައްވާފައިވެއެވެ. فَوَيْلٌ لِلْمُصَلِّينَ {}الَّذِينَ هُمْ عَنْ صَلاتِهِمْ سَاهُونَ { {الَّذِينَ هُمْ يُرَاءُونَ {}وَيَمْنَعُونَ الْمَاعُونَ (މާާޢޫން 4-7 ) މާނައީ:" ފަހެ، އެބައިމީހުންގެ ނަމާދުން ޣާފިލްވެތިބެ ނަމާދުލުރާމީހުންނަށް ހަލާކާއިގެއްލުންހުއްޓެވެ. ހަމައެބައިމީހުންނަކީ ދެއްކުންތެރީންނެވެ. އަދިއެބައިމީހުން ހިފާގެންގުޅޭތަކެތި އެހީގެގޮތުގައިދިނުން މަނާ ކުރެއެވެ."

ނަމާދުފުރިހަމައަށް އަދާކުރުމުގެ މައްޗައްކޮންމެ މުސްލިމަކުމެ ސަމާލުކަން ދޭންޖެހޭނެއެވެ. އެއީއަބަދަށް ދެމިތިބެވެނި ގޮވަތީގެ ބައްޖަވެރިކަން ޙާސިލްވާނީ، ނަމާދުފުރިހަމައަށް އަދާކޮށްގެން ކަމަށްވާތީއެވެ. ކީރިތިރަސޫލާގެ ޙަދީޘެއްގެ މާނައިގައިވެއެވެ. "ޤިޔާމަތް ދުވަހު އަޅާގެ ހިސާބު އެންމެ ފުރަތަމަ ބައްލަވާހުށީ، ނަމާދާ ބެހޭގޮތުންނެވެ. ފަހެނަމާދު ފުރިހަމައަށް އަދާކޮށްފައިވަނީނަމަ، އެއަޅާގެ ހުރިހާހެޔޮކަމެއް ޤަބޫލުކުރައްވާނެއެވެ. ( ނަމަވެސް ) ނަމާދު ފުރިހަމައަށް އަދާކޮށްފާ ނުވާނަަމަ، އެއަޅާގެ ހުރިހާ ހެޔޮޢަމަލެއްބަރުބާދު ވެގެން ހިގައިދާނެއެވެ. "

ޝައްކެއްނެތް ގޮތުގައިއެއްވެސް މުސްލިމަކު ތިމާގެއަބަދަށް ދެމިހުންނަނިވި ގޮވަތި އަބާއްޖަވެރި ވުމަކަށް ބޭނުމެއްނުވާނެއެވެ. ކަންމިހެން ހުރުމާއި އެކު ކޮންމެ މުސްލިމަކަށް ލާޒިމް ވެގެންވާ އެންމެއިސްކަންތައް ތަކުގެ ތެރޭގައި ނަމާދާއި މެދު ފަރުވާކުޑަނުކޮށް، ވަގުތުން ވަގުތަށް ނަމާދު އަދާކުރުމަށް ސަމާލުކަންދިނުންހުއްޓެވެ.

ނޯޓް : މިއީ ދީނުގެމަގު) 3 ޛުލްޤައިދާ 1411( ގެ 4 ވަނަޞަފްހާގައި އައްޝެއިޚް މުޙައްމަދު ރަޝީދު އިބްރާހީމް ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.

Monday, November 3, 2008

ނަސްރުގެދުވަސް

ނަސްރުދެއްވަނީ ﷲ އެވެ.




މިއަދަކީދިވެހި ރާއްޖޭގެ ނަސްރުގެދުވަހެވެ. މީގެވިހިއަހަރު ކުރިން އައި ނޮވެމްބަރު މަހުގެ 3 ވަނަދުވަހަކީ ރާއްޖޭގެމިނިވަންކަމަށް ކުރިމަތިވިނުރައްކާތެރި ޢުދުވާނުން ދިވެހި ޤަޢުމު ސަލާމަތްކުރެއްވި ދުވަހެވެ. މާތް ﷲގެހެޔޮ ރަޙުމަތްފުޅުން ދިވެހިންނަށް ނަސްރާއި ކާމިޔާބީ ދެއްވިދުވަހެވެ.

އެދުވަހުއަޅުގަނޑުމެންނަށް ﷲ ނަސްރުދެއްވީ، އަޅުގަޑުމެންހަރުދަނާ އީމާންކަމެއްގެމަތީގައި ސާބިތުވެތިބީތީއެވެ. އިސްލާމްދީނަށްތަކައި އަދި ވަޠަނަގެމިނިވަންކަމަށްޓަކައި އެންމެންއެކުވެ އެކަތިގަނޑަކަށްވެ ތިބީތީއެވެ. އެހެންކަމުންއެދުވަހުގެ ޙަޤީޤީ ބޠަލުންނަކީ ދިވެހިރައްޔިތުންކަމާމެދަކުޝައްކެއް ނެތެވެ.

ނަސްރުގެދުވަސްފާހަގަކޮށް، އެކަމުގެއުފާފާޅުކުރަމުން ގެންދާއިރު، މިވަގުތުދުނިޔޭގެ ކަންތައްތައް ހިގަމުންދާގޮތާމެދު ވިސްނާލަންޖެހެއެވެ. އަޅުގަނޑުމެންފަދަ ކުދިޤަޢުމުތަކުގެ މުސްތަޤުަލުގެ ސަލާމަތާމެދު ލޯހުޅުވައި ހޭލާ ތިބެންޖެހެއެވެ.

ނޮވެމްބަރުމަހުގެ 3 ވަނަދުވަހުގެ ޙާދިޘާއިން އަޅުގަނޑުމެން ދަސްކުރަންވީއެންމެފުރަތަމަ ފިލާވަޅަކީ ނަސްރުދެއްވަނީ ﷲ ސުބުޙާނަހޫ ވަތަޢަލާކަމެވެ. މާތް ﷲ ވަހީކުރެއްވިއެވެ. وَمَا النَّصْرُ إِلا مِنْ عِنْدِ اللَّهِ الْعَزِيزِ الْحَكِيمِ (އާލްޢިމްރާން: 126 ) މާނައީ: "ގަދަފަދަވަންތަ ޙަކީމްވަންތަ ﷲގެ ޙަޟުރަތުންމެނުވީ، ނަސްރުލިބުމެއްނުވެއެވެ."

އެދުވަހުކަންތައްތައް ހިނގައިދިޔަގޮތުން އަޅުގަނޑުމެން ދަސްކުރަންވީއަނެއް ފިލާވަޅަކީ، ޤަޢުމުގެސަލާމަތާ ރައްކާތެރިކަންއޮތީ، އެންމެންއެއްބައިވެ އެކަތިގަނޑަކަށްވުމުގައިކަމެވެ. އެދުވަހުދިވެހިރައްޔިތުން ބައިބައިވިނަމަ ރާއްޖޭގެމިނިވަންކަމާއި ޝަރަފްގެއްލިގެން ދިޔައީހެވެ.

އެހެންކަމުންއަޅުގަނޑުމެންގެ އީމާންކަން ވަރުގަދަ ކުރަންވެއްޖެއެވެ. މުޅިޤަޢުމުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރަށް ބަދަހިކުރަންވެއްޖެއެވެ. މިގޮތުގެ މަތީގައިތިބޭނަމަ، ﷲ ގެވާގިފުޅައެކުރާއްޖޭގެރައްޔިތުންނަށް ރާއްޖޭގެމިނިވަންކަމާއި ސިޔާދަތު އަބަދަށްޓަކައި ދެމެހެއްތޭނެކަން ކަށަވަރެވެ.

ނޯޓް : މިލިޔުމަކީ ދީނުގެމަގު ގައި އަލްއުސްތާޛް މައުމޫން ޢަބުދުލް ޤައްޔޫމް ލިޔުއްވާފައިވާ ލިޔުމެއް އަސްލެއްކަމުގައި ބަލައިގެން ލަންދޫއިންފޯ ޓީމުން ލިޔެފައިވާ ލިޔުމެކެވެ.

Friday, October 31, 2008

މިނިވަންކަން

މިނިވަންކަން ރައްކާތެރިވުންއޮތީ عقيد ة ހިފެހެއްޓުމުގައެވެ.


ދިވެހިރާއްޖެއަކީ ކުޑަޤައުމެކެވެ. މީސްކޮޅުމަދު ޤައުމެކެވެ. ޤުދުރަތީ މުއްސަދިކަންވެސް މަދު ޤައުމުކެވެ.މާއްދީ ނަޒަރަކުން ބަލާއިރު ބާރުދެރަ ޤައުމެކެވެ.

ރާއްޖޭގެ ހުރިހާވެސް މުއްސަނދިކަމަކީ، ރާއްޖޭގެ ރައްޔިތުންގެ ޢަޤީދާގެ މުއްސަނދިކަމެވެ. ރާއްޖޭގެ ހުރިހާވެސްބާރަކީ އީމާންކަމުގެ ބާރެވެ. ޢަޤީދާގެ މުއްސަނދިކަމަކީ ކުޑަމުއްސަނދިކަމެއްނޫނެވެ. އީމާންކަމުގެ ބާރަކީވެސެ ކުޑަބާރެއްނޫނެވެ.

މިޙަޤީޤަތަކީ އިސްލާމީ ތާރީޚުގެ ފަތްފުށްތަކުން ވަރަށް ކުލަގަދަގޮތެއްގައި ސާބިތުވެފައިވާ ޙަޤީޤަތެކެވެ. އެންމެފުރަތަމަ އިސްލާމީ ދައުލަތެއް އުފެދުނުއިރު އެދައުލަތުގެ ހިޔާވަހިކަމުގައިތިބި މުވާތިނުންގެ ޢަދަދުވަރަށްވެސް މަދެވެ. ނަމަވެސް ބަދުރުހަގުރާމައިގާ މުޅި ޢަރަބިކަރަ ޙައިރާންކޮށްލި ނަޞްރު ހޯދީ އެބައިމީހުންނެވެ. އެހަނގުރާމައިގާ އެބައިމީހުން ބޭނުންކުރި އެންމެމޮޅުހަތިޔާރަކީ އީމާންކަމުގެ ހަތިޔާރެވެ. މިފަދަ އެތައް ޙާދިސާއެއްގެ ވާހަކަ އިސްލާމީ ތާރީޚްގެ ޞަފްހާތަކުގައި ރަންއަކުރުން ފަވާލެވިފައިވެއެވެ.

އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ އިންޑިޔާކަނޑުގެ ހަލަބޮލި ރާޅުތަކުގެ ތެރޭގައި މާތްﷲ ލައްވާފައިވާ އިސްލާމީ ކިއްލާއެކެވެ. އަމަން އަމާންކަމާއި ސުލްހަމަސަލަސްކަމުގެ ވެސް ކިއްލާއެކެވެ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުންއޮތީ އިސްލާމީ ޢަޤީދާގައި ހިފެހެއްޓުމުގައެވެ. އެންމެން އެކުވެރިވެ އެކަތިގަނޑަކަށްވުމުގައެވެ.

ސިޔާސީގޮތުން ރާއްޖެ އާމަރުޙަލާއަކަށް ބަދަލުވަމުންދާ ދުވަސްވަރެއްގައި އަޅުގަނޑުމެން ދެނެގަންނަންވީ ޙަޤީޤަތަކީ މިއީއެވެ. ރާއްޖެ އިސްލާމް ވުމަށްފަހު ރާއްޖޭގެ މިނިވަންކަމަށް ކުރިމަތިވި ކޮންމެނުރައްކަލެއް ކުރިމަތިވެފައިވަނީ ދިވެހިންގެ ބަޔަކު އިސްލާމީ ޢަޤީދާއަށް ފުރަގަސްދިނުމުގެ ސަބަބުންނެވެ.

ނޯޓް: މިއީ ދީނުގެ މަގުގެ 1991 ވަނައަހަރުގެ 16 ވަނަޢަދަދުގައި އަލްއުސްތާޛް މައުމޫން ޢަބުދުލް ޤައްޔޫމް ލިޔުއްވާފައިވާ ލިޔުމަކުން ނަގާފައިވާ މަޒުމޫނެކެވެ.

Friday, October 3, 2008

ރަމަޟާން

ބަރަކާތްތެރި މައްސަރެއްވަކިވެގެންދާހިނދު

( މިއީ ދީނުގެމަގު 19 އެޕްރީލް 1991 ގައި މުޙައްރިރުގެ ޤަލަމުން ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. )

ބަރަކާތްތެރި ރަމަޟާންމަސް އަޅުގަނދުމެންނާ ވަކިވެގެންއެދިޔައީއެވެ. ރޯދަހިފުމާއި، ރޭއަޅުކަން ކުރުމާއި، ރަޙުމަތާއި މަޣުފިރަތުގެމަސް އަޅުގަނދުމެންނަށް އަލްވަދާޢު ކިޔައިފިއެވެ.

ރަމަޟާންމަސް އަޅުގަނދުމެންނާ ވަކިވެގެން އެދިޔައީ، ވަރަށް މަތިވެރި ޢިބްރަތްތަކެއް ލިބިދީފައެވެ. ތަޤުވާވެރިކަމަށް މަގުދައްކައިދީފައެވެ. ހަވާނަފްސުގެ މައްޗަށް ދީނާއި ޟަމީރުގެބާރުގަދަކުރުމުގެމަގު ތަނަވަސް ކޮށްދީފައެވެ. ކެތްތެރިވުމާއި، ރުޅިމަދުކުރުމާއި، ދީލަތިވުމާއި، ހުރިހާކަމެއްގައިވެސް އިހުސާންތެރިވުމަށް އަޅުގަނދިުމެންގެ ނަފްސުތައް ހާނުވައިދީފައެވެ.

މާތް ﷲ ވަހީކުރެއްވިއެވެ. "بَلَى مَنْ أَسْلَمَ وَجْهَهُ لِلَّهِ وَهُوَ مُحْسِنٌ فَلَهُ أَجْرُهُ عِنْدَ رَبِّهِ وَلا خَوْفٌ عَلَيْهِمْ وَلا هُمْ يَحْزَنُونَ 002.112 " މާނައީ: އެހެނަކުންނޫނެވެ.(ހުރިހާކަމެއްގައި ވެސް) އިޙްސާންތެރިވެހުރެ އެމީހެއްގެމޫނު ﷲއަށް ކިޔަމަންކޮށްފިމީހަކަށް، އެމީހާގެވެރި ރަސްކަލާނގެ ޙަޟަރަތްގައި އޭނާގެ ދަރުމަހުއްތެވެ. އަދިއެފަދަ މީހުންގެ މައްޗަކަށް ބިރެެއްނެތެވެ. އަދިއެބައިމީހުންނީ ހިތާމަކުރާނޭ ބަޔަކުކަމުގައިވެސް ނުމެވާނޭމެއެވެ."

މިދެންނެވި ޢިބްރަތްތަކާއި ފިލާވަޅުތަކަކީ، ރަމަޟާންމަސް ދިޔުމުން އަޅުގަނދުމެންގެ ހަނދާނާއި ވިޖުދާނުން ކެހިގެންދާންވީއެއްޗެއްނޫނެވެ.އެޢިބްރަތްތަކާއި ފިލާވަޅުތައްވާންވާނީ، ކުރިޔަށް އޮތް އަހަރުދުވަހުގެ ދިގުރާސްތާގައި އަޅުގަޑުމެންގެ އެންމެގާތް އެކުވެރިންކަމުގައެވެ. އެހެނީ، ﷲއަށް ތަޤުވާވެރިވުމާއި، ހެޔޮޢަމަލްކުރުމާއި، އިހުސާންތެރިވުމަކީ، ވަކިދުވަސްވަރަކަށް ޚާއްޞަ ވެފައިވާކަންކަމެއްނޫނެވެ. މިކަންކަންވާންޖެހޭނީ، ޢުމަރުގެހުރިހާދުވަސްތަކެއްގައިވެސް އަޅުގަނދުމެންނަށް މަގުއަލިކޮށްދޭ ދަންމަރުތަކެއް ކަމުގައެވެ.

ރަމަޟާންމަސް ދިޔުމާއިއެކު، އަޅުގަނޑުމެންނާ ކުރިމަތިލީ، ޢީދުލަފިތުރުގެ މާތްއަދިއުފާވެރި ދުވަސްތަކެވެ. ފިތުރުޢީދު ދުވަހަކީ، ރަމަޟާނަމަހުގެ ރޯދަހިފުމުގެ ތައުފީޤު ދެއްވިކަމަށްޓަކައި މާތްﷲ އަށް ޙަމްދާއި ޝުކުރު ކުރުމުގެދުވަހެވެ. އަދިރޯދަހިފުމުގެ މަތިވެރި އަޅުކަން އަދާކުރެވުނުކަމަށްޓަކައި އުފާކުރުމުގެދުވަސްވެސްމެއެވެ. وكلّ عا م وأنتم بخير .

Saturday, September 27, 2008

ތައުބާ

التوبةالنصوح

(މިއީ ދީނުގެމަގު 5 އެޕްރީލް 1995 ގައި އައްޝެއިޚް ޢުޘްމާން ޢަބުދުﷲ ލިޔުއްވާފައިވާ ލިޔުމެކެވެ. )

ރަމަޟާންމަހަކީ ތިމާގެ ޢަމަލުތައްސީދާކޮށް ތަޢުބާ ވުމަށް ލިބޭއަގުހުރި ދުވަސްތަކެކެވެ.ތިމާއަށް އެޅިފައިވާކަތިފިޔަވަޅުތައް ހަދާންކޮށް ތައުބާވެ ހިދާޔަތުގެމަގަށް ރުޖޫޢުވުމަށްލިބޭ ރަނގަޅު ފުރުޞަތެކެވެ. ބުއްދިވެރިންނަކީ، މިފަދަ ދުވަސްތައް ހެޔޮގޮތުގައި ބޭނުންހިފާ މީހުންނެވެ. އާޚިރަތުގައި ތިމާއަށް ފައިދާހުރި ޢަމަލުތައް ދަނެ އިސްކުރާ މީހުންނެވެ.

ތަޢުބާގެ މާނައަކީ، ފާފައިން ހިދާޔަތުގެ މަގަށް އެނބުރި ރުޖޫޢުވުމެވެ. ޝައްކެއްނެތެވެ. އެރުޖޫޢުވުން ވާނީތިމާގެ އުރެދުން ތައް ހަނދާންކޮށް ހިތާމަ ކުރުމާއި އެކު އެފަދަ އުރެދުމަކަަށް އެނބުރިނުދިއުމަށްޢަޒުމުކޮށް ކަށަވަރު ކުރުމާއިއެކުގައިއެވެ. އިންސާނުންނަކީ ކުށްކުރެވޭނެ ބައެކެވެ. އެއުރެންގެ ޠަބީޢަތުގައި އެކަންވެއެވެ. އިންސާނުންގެ ބައްޕަ އާދަމް ޢަލައިހިއް ސަލާމް ހެއްދެވީއްސުރެނެނެވެ. އަދިމިކަން ބިމާއި ބިމުގައިވާހާއެއްޗެއް ﷲތަޢަލާގެހަޟުރަތަށް ރުޖޫޢަވެއްޖައުމަށް ދާންދެން ދެމިއޮންނާނެއެވެ. ބޭނުންވެގެން ވަނީ އުރެދުމުގައްޔާއި ފާފައިގެމަތީގައި ދެމިނުތިބުމެވެ. ﷲތަޢަލާގެ ފުއްސެވުމާއި ރަޙުމަތް ހަނދާންކޮށް ތަޢުބާވުމެވެ. ސަލާމާއި ޞަލަވަތް ލެއްވި ކީރިތި ރަސޫލާ ޙަދީޡްކުރެއްވި ފަދައިންނެވެ. "كلّ بنى آدم خطّاءُوخىرألخطاّئين التّوّابون" މާނައަކީ:" ކޮންމެ އާދަމްގެ ދަރިއަކީ ގިނައިން ކުށްކުރާމީހެކެވެ. އަދިގިނައިންކުށްކުރާ މީހުންކުރެ އެންމެ ހެޔޮވެގެންވަނީ ގިނައިންތަޢުބާވާ މީހުންނެވެ."

ތަޢުބާއަކީ، ކުށުގެ ފަރުވާއެވެ. ސުލޫކު ރަނގަޅުކުރުމެވެ. ނަމަވެސް ޟަމީރުގެ ހޭލުމުންނާއިފާފައިގެ ޝުޢޫރުންނާއި، ތިމާގެކުށަށް އިޢުތިރާފް ވުމުންނާއި، ކުރެވުނުކުށުގެ މައްޗަށްދެރަވެ ހިތާމަކުރުމުންނާއި، އެކުށުން އެއްކިބާވުމުންނާއި، އެކަމަށް އެނބުރި ނުދިއުމަށް ޢަޒުމުކުރުމުން މެނުވީފަރުވާ އެއްނުލިބޭނެއެވެ. التوبةالنصوح އަކީ الحسن البصرى ވިދާޅުވެފައިވާ ގޮތުގައި" ކަލޭއެފާފައެއް ކުރުމަށްލޯބިކުރިފަދައިން އެކަމަށް ނުރުހުން ވުމެވެ. އަދި އެކަން ކަލެއަށް ހަނދާންވާ ކޮންމެހިނދެއްގައި އެފާފަފުއްސެވުމަށް އެދުމެވެ. ﷲތަޢަލާ އަޅުގަނޑުމެންނަށްވަނީ މި ތަޢުބާވުމަށް އަމުރުކުރައްވާފައެވެ. އެކަލާންގެ ވަޙީކުރެއްވިއެވެ. ( التحرى 8 ) އާޔަތުގައި އެކަލާންގެ ވަޙީކުރެއްވިއެވެ. "އޭ އީމާންވިމީހުންނޭވެ! ތެދުވެރި އިޚުލާޞްތެރި ތަޢުބާއަކުން ތިޔަބައިމީހުންﷲ އަށް ތަޢުބާވާށެވެ!" ތަޢުބާވުން ޙައްޤުގޮތުގައި ތަޢުބާވެއްޖެމީހާގެކުށްތައް ﷲތަޢަލާ އޭނާއަށް ފުއްސަވައެވެ. އަދިއެކަލާންގެ ރަޙުމަތުގެ ސުވަރުގެއަށް ވައްދަވައެވެ. ތިމާއަށްވެވުނު ފަފައެއްގެ ބޮޑުކަމުން އެކަލާނގެ ރަޙްމަތުން ނާއުންމީދުވުމެއްނުވެއެވެ. އެކަލާންގެ ރަޙްމަތުގެ ދޮރުތައްވަނީ އެކަލާންގެ އަޅުތަކުންގެ މައްޗަށް އަބަދާ އަބަދު ހުޅުވިގެންނެވެ. ( الزّمر 53) ވަނައާޔަތުގައި އެކަލާނގެވަޙީ ކުރެއްވިއެވެ." "ކަލޭގެފަނު ވިދާޅުވާށެވެ! އެބަިމީހުންގެ އަމިއްލަނަފްސު ތަކުގެމައްޗަށް ފަފައިން އިސްރާފްކޮށްފައިވާ، ތިމަންރަސްކަލާނގެއަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲގެ ރަޙުމަތުން އުންމީދު ކަނދައިނުލާށެވެ! ހަމަކަށަވަރުން ﷲއީ، އެންމެހައި ފަފަތައް ފުއްސަވާރަސްކަލާނގެއެވެ." ﷲ ތަޢަލާ ނުފުއްސަވާނޭކަމަށްއަންގަވާފައިވާ ފާފައަކީ، އެކަލާނގެއަށް ޝަރީކު ކުރުމުގެފަފައެވެ. ޝަރީކުކުރުމުގައި ދެމިހުރި މީހާއަށެވެ. އެނޫންހުރިހާ ފާފައެއް އެކަލާނގެ ފުއްސެވުމަށް އެދިވޮދިގެންނެވިމީހަކަށް ފުއްސަވައެވެ.