Sunday, November 9, 2008

ނަމާދު

ނަމާދުވަގުތުން ވަގުތަށް އަދާކުރުމަށް ސަމާލުކަންދެއްވާށެވެ!




ނަމާދަކީ އިސްލާމްދީނުގެ އެއްރުކުނެވެ. ދީނުގެއެންމެ ހަރުދަނާ އެއްތަނބެވެ. ތިމާކުރާއެެހެނިހެން ހެޔޮކަންތައް ﷲގެ ޙަޟްރަތުގައި ޤަބޫލުކުރެއްވުން ބިނާވެގެންވަނީ، ނަމާދުފުރިހަމަޔަށް އަދާކޮށްގެންކަން ކީރިތިރަސޫލާގެ ޙަދީޘުން ސާބިތުވެއެވެ. ނަމާދުފުރިހަމައަށް އަދާކުރާމީހަކީ، އޭނާގެއަމިއްލަނަފްސަށާއި، މުޖުތަމަޢުއަށް ފައިދާހުރިކަންތައް ކުރާތެދުވެރިއެކެވެ. އޭނާގެފުށުން، އެހެންމީހުންނަކަށް ގެއްލުމެއް ނުލިބޭނެއެެވެ. ކުރާހުރިހާކަމެއްގައި އިޚްލާސްތެރިވާނެއެވެ. ވަފާތެރިވާނެއެވެ. އެހެންމީހުންނަށް އޯގާތެރި ވާނެއެވެ. ﷲނަހީ ކުރައްވާފައިވާ ކަންތަކާދުރުހެލިވާނެއެވެ. އޭނާކުރާކޮންމެކަމެއްގާ ﷲގެ ވަޖުޙަފުޅުފިޔަވާ އެހެންފަރާތެއްޤަސްދެއްނުކުރާނެއެވެ. އެފަދަމީހުންނަށް ދެދުނިޔޭގެ ބާއްޖަވެރިކަންލިބޭނޭ ކަމަށްއަންގަވާ ފައިވެއެވެ.

ނަމަވެސް ނަމާދުއަދާކުރަންވީ ފުރިހަމަގޮތަށް އަދާކުރެވެރީ ކިތައްމީހުންނަށްތޯއެވެ! މިސުވާލަކީ، ކޮއްމެމުސްލިމަކުވެސް އެމީހެއްގެއަމިއްލަ ނަފްސާކުރަން ވެއްޖެސުވާލެކެވެ. އެއީގިނަމީހުންނަކީ ނަމާދުކުރާ މީހުންކަމަށްވެފައި، އޭގެތެރެއިންބައެއްމީހުންގެ ޢަމަލްތައް ހުންނަގޮތުންނެވެ. ތިމާގެ އަޚުންނަށް މަކަރާއިޙީލަތް ހެދުމުންދުރުހެލިއެއްނުވެއެވެ. ޣީބައާއި މަލާމާތުން ދުރުހެލިއެއްނުވެއެވެ. ތިމާގެއަޚުންގެމުދާ ނަހަމަގޮތުގައި ބޭނުންކުރުމަށް ފަހެއްނުޖެހެއެވެ. ތިމާގެމަޤުޞަދު ޙާޞިލްކުރުމަށް ފަސްޖެހޭ ނުބައިކަމެއްނޯވެއެވެ. އެފަދަމީހުންނާމެދު މާތްﷲ ވަޙީކުރައްވާފައިވެއެވެ. فَوَيْلٌ لِلْمُصَلِّينَ {}الَّذِينَ هُمْ عَنْ صَلاتِهِمْ سَاهُونَ { {الَّذِينَ هُمْ يُرَاءُونَ {}وَيَمْنَعُونَ الْمَاعُونَ (މާާޢޫން 4-7 ) މާނައީ:" ފަހެ، އެބައިމީހުންގެ ނަމާދުން ޣާފިލްވެތިބެ ނަމާދުލުރާމީހުންނަށް ހަލާކާއިގެއްލުންހުއްޓެވެ. ހަމައެބައިމީހުންނަކީ ދެއްކުންތެރީންނެވެ. އަދިއެބައިމީހުން ހިފާގެންގުޅޭތަކެތި އެހީގެގޮތުގައިދިނުން މަނާ ކުރެއެވެ."

ނަމާދުފުރިހަމައަށް އަދާކުރުމުގެ މައްޗައްކޮންމެ މުސްލިމަކުމެ ސަމާލުކަން ދޭންޖެހޭނެއެވެ. އެއީއަބަދަށް ދެމިތިބެވެނި ގޮވަތީގެ ބައްޖަވެރިކަން ޙާސިލްވާނީ، ނަމާދުފުރިހަމައަށް އަދާކޮށްގެން ކަމަށްވާތީއެވެ. ކީރިތިރަސޫލާގެ ޙަދީޘެއްގެ މާނައިގައިވެއެވެ. "ޤިޔާމަތް ދުވަހު އަޅާގެ ހިސާބު އެންމެ ފުރަތަމަ ބައްލަވާހުށީ، ނަމާދާ ބެހޭގޮތުންނެވެ. ފަހެނަމާދު ފުރިހަމައަށް އަދާކޮށްފައިވަނީނަމަ، އެއަޅާގެ ހުރިހާހެޔޮކަމެއް ޤަބޫލުކުރައްވާނެއެވެ. ( ނަމަވެސް ) ނަމާދު ފުރިހަމައަށް އަދާކޮށްފާ ނުވާނަަމަ، އެއަޅާގެ ހުރިހާ ހެޔޮޢަމަލެއްބަރުބާދު ވެގެން ހިގައިދާނެއެވެ. "

ޝައްކެއްނެތް ގޮތުގައިއެއްވެސް މުސްލިމަކު ތިމާގެއަބަދަށް ދެމިހުންނަނިވި ގޮވަތި އަބާއްޖަވެރި ވުމަކަށް ބޭނުމެއްނުވާނެއެވެ. ކަންމިހެން ހުރުމާއި އެކު ކޮންމެ މުސްލިމަކަށް ލާޒިމް ވެގެންވާ އެންމެއިސްކަންތައް ތަކުގެ ތެރޭގައި ނަމާދާއި މެދު ފަރުވާކުޑަނުކޮށް، ވަގުތުން ވަގުތަށް ނަމާދު އަދާކުރުމަށް ސަމާލުކަންދިނުންހުއްޓެވެ.

ނޯޓް : މިއީ ދީނުގެމަގު) 3 ޛުލްޤައިދާ 1411( ގެ 4 ވަނަޞަފްހާގައި އައްޝެއިޚް މުޙައްމަދު ރަޝީދު އިބްރާހީމް ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.

Monday, November 3, 2008

ނަސްރުގެދުވަސް

ނަސްރުދެއްވަނީ ﷲ އެވެ.




މިއަދަކީދިވެހި ރާއްޖޭގެ ނަސްރުގެދުވަހެވެ. މީގެވިހިއަހަރު ކުރިން އައި ނޮވެމްބަރު މަހުގެ 3 ވަނަދުވަހަކީ ރާއްޖޭގެމިނިވަންކަމަށް ކުރިމަތިވިނުރައްކާތެރި ޢުދުވާނުން ދިވެހި ޤަޢުމު ސަލާމަތްކުރެއްވި ދުވަހެވެ. މާތް ﷲގެހެޔޮ ރަޙުމަތްފުޅުން ދިވެހިންނަށް ނަސްރާއި ކާމިޔާބީ ދެއްވިދުވަހެވެ.

އެދުވަހުއަޅުގަނޑުމެންނަށް ﷲ ނަސްރުދެއްވީ، އަޅުގަޑުމެންހަރުދަނާ އީމާންކަމެއްގެމަތީގައި ސާބިތުވެތިބީތީއެވެ. އިސްލާމްދީނަށްތަކައި އަދި ވަޠަނަގެމިނިވަންކަމަށްޓަކައި އެންމެންއެކުވެ އެކަތިގަނޑަކަށްވެ ތިބީތީއެވެ. އެހެންކަމުންއެދުވަހުގެ ޙަޤީޤީ ބޠަލުންނަކީ ދިވެހިރައްޔިތުންކަމާމެދަކުޝައްކެއް ނެތެވެ.

ނަސްރުގެދުވަސްފާހަގަކޮށް، އެކަމުގެއުފާފާޅުކުރަމުން ގެންދާއިރު، މިވަގުތުދުނިޔޭގެ ކަންތައްތައް ހިގަމުންދާގޮތާމެދު ވިސްނާލަންޖެހެއެވެ. އަޅުގަނޑުމެންފަދަ ކުދިޤަޢުމުތަކުގެ މުސްތަޤުަލުގެ ސަލާމަތާމެދު ލޯހުޅުވައި ހޭލާ ތިބެންޖެހެއެވެ.

ނޮވެމްބަރުމަހުގެ 3 ވަނަދުވަހުގެ ޙާދިޘާއިން އަޅުގަނޑުމެން ދަސްކުރަންވީއެންމެފުރަތަމަ ފިލާވަޅަކީ ނަސްރުދެއްވަނީ ﷲ ސުބުޙާނަހޫ ވަތަޢަލާކަމެވެ. މާތް ﷲ ވަހީކުރެއްވިއެވެ. وَمَا النَّصْرُ إِلا مِنْ عِنْدِ اللَّهِ الْعَزِيزِ الْحَكِيمِ (އާލްޢިމްރާން: 126 ) މާނައީ: "ގަދަފަދަވަންތަ ޙަކީމްވަންތަ ﷲގެ ޙަޟުރަތުންމެނުވީ، ނަސްރުލިބުމެއްނުވެއެވެ."

އެދުވަހުކަންތައްތައް ހިނގައިދިޔަގޮތުން އަޅުގަނޑުމެން ދަސްކުރަންވީއަނެއް ފިލާވަޅަކީ، ޤަޢުމުގެސަލާމަތާ ރައްކާތެރިކަންއޮތީ، އެންމެންއެއްބައިވެ އެކަތިގަނޑަކަށްވުމުގައިކަމެވެ. އެދުވަހުދިވެހިރައްޔިތުން ބައިބައިވިނަމަ ރާއްޖޭގެމިނިވަންކަމާއި ޝަރަފްގެއްލިގެން ދިޔައީހެވެ.

އެހެންކަމުންއަޅުގަނޑުމެންގެ އީމާންކަން ވަރުގަދަ ކުރަންވެއްޖެއެވެ. މުޅިޤަޢުމުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރަށް ބަދަހިކުރަންވެއްޖެއެވެ. މިގޮތުގެ މަތީގައިތިބޭނަމަ، ﷲ ގެވާގިފުޅައެކުރާއްޖޭގެރައްޔިތުންނަށް ރާއްޖޭގެމިނިވަންކަމާއި ސިޔާދަތު އަބަދަށްޓަކައި ދެމެހެއްތޭނެކަން ކަށަވަރެވެ.

ނޯޓް : މިލިޔުމަކީ ދީނުގެމަގު ގައި އަލްއުސްތާޛް މައުމޫން ޢަބުދުލް ޤައްޔޫމް ލިޔުއްވާފައިވާ ލިޔުމެއް އަސްލެއްކަމުގައި ބަލައިގެން ލަންދޫއިންފޯ ޓީމުން ލިޔެފައިވާ ލިޔުމެކެވެ.